Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޖުމްލަ ދަރަނި ބޮޑުވަމުންް ދިއުމަކީ އިގުތިސާދަށް ކުޅަދާނަ ވާނެ ކަމެއް ނޫން: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް--

ދައުލަތުގެ ޖުމުލަ ދަރަނި ބޮޑުވަމުން ދިއުމަކީ އިގުތިސާދަށް ކުޅަދާނަ ވާނެ ކަމެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ދައުލަތުގެ ދަރަނި ބޮޑުވަމުން ގޮސް ޖުމްލަ ދަރަނީގެ މިންވަރު 100 ބިލިއަނަށް އެރުމަކީ "ބަރުދާސްތު ކުރެވޭނެ ކަންކަމެއް ނޫން" ކަމަށެވެ.

"ރާއްޖޭގެ އިގުތިސާދަށް، އެއީ އުފުއްލޭ ވަރަށް ވުރެ މާބޮޑުު ބުރައެއް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދައުލަތުގެ ޖުމްލަ ދަރަނި ބޮޑުވަމުންް ދިއުމަކީ ރާއްޖޭގެ އިގުތިސާދަށް ކުޅަދާނަވާނެ ކަމެއް ނޫން ކަމަށާއި، ދައުލަތަށް އެވަރަށް ދަރަނި ލިބޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ދަރަނީގެ ގޮތުގައި ވަކިއަދަދެއް ލިބޭނެކަމަށް ބަޖެޓްގައި ޖެހިނަމަވެސް، ދައުލަތުގެ ޖުމުލަ ދަރަނި އިތުރުވަމުން ދާނަމަ، އެ ފައިސާހޯދުންވެސް ވާނީ އުނދަގޫކަމަކަށެވެ. އަދި ރާއްޖޭގެ ދަރަނީގެ ހާލަތާއި އިންފްލޭޝަނާއި އިގްތިސާދަށް ބަލައި ސަރުކާރުން ފުންކޮށް ވިސްނުމަށް ޝަރީފް ގޮވާލެއްވިއެވެ.