ރާއްޖޭގައި ކަނޑައަޅާފައިވާ މިނިމަމް ވޭޖަކީ ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅިގެން ހަމްދާން ވިދާޅުވެފައިވަނީ، ސަރަޙައްދީ އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ވޭޖްތަކާ އަޅާކިޔާއިރު ރާއްޖޭގައި ކަނޑައަޅާފައިވަނީ ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށެވެ. އަދި ޤާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖް މުރާޖައާ ކުރަންޖެހޭ ކަންވެސް ހަމްދާން ފާހަގަކުރެއްވިއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުގެ ސިޔާސަތަކީ، ދިވެހި މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔާތްކުރުމަށާއި، ނުހައްޤު، ދަށް އުޖޫރަ މަސައްކަތްތެރިންނަށް ދިނުމުގެ މައްސަލައަށް އެކަށޭނަ ހައްލެއް ލިއްބައިދޭނެ މައިގަނޑު އެއް ސިޔާސަތު ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
ސަރަޙައްދީ އަދި ކުދި ޖަޒީރާ ޤައުމުތަކުގެ މިނިމަމް ވޭޖްއާ ރާއްޖޭގައި މިއަދު ކަނޑައެޅި މިނިމަމް ވޭޖް ގެ ކޮމްޕެރިސަން އެއް ތިރީގައި އެވަނީ. #MinimumWage pic.twitter.com/HlRjr3bVTl
— Hamdhan (@Ahmed_hamdhan) November 8, 2021
މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތައް:
އަމިއްލަ ކުދި ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 4500 ރުފިޔާ.
މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ.
ބޮޑެތި އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 8،000 ރުފިޔާ.
ޕަބްލިކް ސެކްޓާ: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ.
މިނިމަމް ވެޖްގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި، ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.