ދާއިރާގެ ކަންކަން ބަޖެޓްގައި ހިމަނާ ތަންފީޒު ނުކުރާނަމަ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަން ޖެހިދާނެކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ވާހަކަ ދެއްކުމަށް ލިބުނު ވަގުތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، 2022 ވަނަ އަހަރުގެ ބަޖެޓަށް ވާހަކަ ދައްކާއިރު 2021 ވަނަ އަހަރުގެ ބަޖެޓުގައި ދާއިރާއަށް ބަޖެޓްގައި ހުރި ކަންކަމުގެ ތެރެއިން ކުރިއަށް ގޮސްފައި ހުރި ކަންކަން ބަލާލަންޖެހޭކަމަށެވެ.
ޝަހީމް ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑިތީމު ދާއިރާއަށް ހުރިކަންކަމަށް އިހުމާލުވިކަމަށާއި، އެކަން ކުއްވެރިކުރާކަމަށެވެ. މި ބަޖެޓަށް ވާހަކަ ދައްކާއިރު ކުރީގެ ބަޖެޓުގައި ހުރި ކަންކަން ނުވެހުރިކަމަށާއި، މިއުޅެނީ އަސާސީ ހިދުމަތްތައް ގާއިމު ނުކުރެވިގެންކަމަށް ޝަހީމް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ދާއިރާގެ ކަންކަން ބަޖެޓްގައި ހިމަނާ ތަންފީޒު ނުކުރާނަމަ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަން ޖެހިދާނެކަމަށެވެ.
"އެދެނީ ދެންހުރި ކަންކަން ބަޖެޓުގައި ހިމަނާ، ބަޖެޓުގައި ހިމެނުމަށްފަހު ތަންފީޒު ކޮށްދިނުމަށްޓަކައި މަސައްކަތް ކޮށްދެއްވުން، އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް. އެކަން ނުކުރާކަމަށް ވާނަމަ އަޅުގަނޑަށް ވެސް ޖެހޭނީ ބަރުލަމާނީއަށް ތާއީދުކޮށްގެން ކުރިއަށްދާން." ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީމް ވިދާޅުވީ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ މެމްބަރުންކަމަށެވެ. އެހެންކަމުން އެ ރައްޔިތުންނާ ގުޅުންހުރި ކަންކަން ތަންފީޒު ކުރުމަށް ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭ ބަޔަކު ތިބުމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ދާންޖެހޭކަމަށެވެ.
ޝަހީމް ވިދާޅުވީ ކަނޑިތީމު ދާއިރާގެ ރައްޔިތުންނަށް ފެނާ ނަރުދަމާ ނުލިބިގެން އުޅޭއިރު، ބާރާއި ނުފޫޒު ހުރި ފަރާތްތަކުން އެފަރާތްތަކުގެ ދާއިރާތަކުގައި ބާރަށް މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. ކަންބޮޑުވުންތައް ހިއްސާ ކުރަމުން ޝަހީމް ވަނީ ދާއިރާގެ ކަންކަމާ ގުޅިގެން މިނިސްޓަރުންނަށް ގުޅުމުން ފޯނު ނުނަންގަވާ ފިއްލަވައިގެން އުޅުއްވާކަމަށްވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ބައެއް މަސައްކަތްތައް ދާއިރާގައި ހިނގަމުން އަންނަ ކަމަށާއި، އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށާއި، އެހެންނަމަވެސް މައިގަނޑު ގޮތެއްގައި ހައްޤުތައް ކަށަވަރު ނުވާކަމަށެވެ.