ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ހިޔާފްލެޓައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަށިމުށި ގަނެދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރުމަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ކުރީ ސަރުކާރުން ގިނައަދަދަށް ލޯނު ނެގިކަމުގައި ވީނަމަވެސް އެކަމުގެ އެއްވެސް އަސަރެއް ރާއްޖޭގެ އެހެން ހިސާބުތަކަށް ނުކުރާކަމަށާއި، ރާއްޖޭގެ އެހެން ދާއިރާތައް ތަރައްގީ ނުވާކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ކުރީ ސަރުކާރުގައި ކަންކުރިގޮތަށް މިސަރުކާރުގެ ވެރިން ލޯނު ނެގުމަށްފަހު އެފައިސާއަށް ހިޔާނާތްތެރި ނުވާނެކަމަށެވެ.
ކުރީ ސަރުކާރުން ސޯޝަލްހައުސިންގެނަމުގައި "ހާވާފައި ހުރި ހަޑި" އެންމެނަށް ހުރީ ފެންނަންކަމަށާއި، އެމަޝްރޫއަށް ނެގި ލޯނުން އޭގެ ދެ މަޝްރޫއު ހިންގޭނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ތަށިމުށި ޖަހަން ރައްޔިތުންނަށް ފައިސާ ދޭށޭ ބުނާއިރު، ތަށިމުށި ޖަހަން ވީ ފައިސާއިން އެހެރީ އަތިރިމަތީގައި 15 ބުރީގެ އިމާރާތެއް ހަދާފަ. އަޅުގަނޑު ގޮވާލަން ސަރުކާރަށް، އެ 15 ބުރީގެ އިމާރާތް ވިއްކާލައިފައި، ތަށިމުށި ގަނެދޭށޭ ރައްޔިތުންނަށް." ރޮޒައިނާ ވިދާޅުވިއެވެ.
މީގެއިތުރުން، އިގްތިސޯދީ ހަރަކާތްތައް ބިނާ ކުރަން ކުރާ މަސައްކަތުގެ ތެރޭގައި ފެނާއި ނަރުދަމާއަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ މަސައްކަތެއްކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މިސަރުކާރުން އެ މަސައްކަތް ކުރާނެކަމަށެވެ.