ސްރީލަންކާގައި މިއަދު ފެށި މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗު 4-4 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
ރާއްޖެއާއި ލަންކާގެ އިތުރުން ދެން ފޯ ނޭޝަންސް ކަޕްގައި ވާދަކުރާނީ ބަންގުލަދޭޝްއާއި ސީޝެލްސް އެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ރާއްޖެ އިން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. މި ތިން ގޯލު ރާއްޖެ އަށް ކާމިޔާބުކޮށްދިނީ އަކްރަމް އާއި އަލީ ފާސިރުގެ އިތުރުން އިބްރާހިމް މަހުދީ އެވެ.
ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ރާއްޖެ އިން ނިންމާލިއިރު މެޗުގެ 58 ވަނަ މިނެޓްގައި އަލީ އަޝްފާގް ވަނީ ރާއްޖޭގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ހަތަރު ގޯލުގެ ލީޑަކާއެކު ރާއްޖެ އިން ކުޅެމުންދަނިކޮށް ލަންކާ އިން ވަނީ ކައިރިކައިރީ ތިން ގޯލު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްލާފައެވެ. މި ތިން ގޯލު ވެސް ލަންކާ އަށް ކާމިޔާބުކޮށްދިނީ ވަސީމް ރަޒީކް އެވެ. މި ތިން ގޯލަށްފަހު ލަންކާ އިން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ ފަހު މިނެޓްގައި ލަންކާ އަށް ނަތީޖާ އެއްވަރުކޮށްދިން ގޯލުވެސް ކާމިޔާބުކޮށްދިނީ ވަސީމް އެވެ.
މުބާރާތުގައި ރާއްޖެ އިން ކުޅޭ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ނިކުންނާނީ ބަންގްލަދޭޝްއާ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި މި މަހު 14 ވަނަ ދުވަހު ސީޝެލްސްއާ ކުޅޭނެ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.