Last Updated: May 7, 14:04
Wednesday, May 7, 2025
ޚަބަރު

އެމްއެންޕީ ރަޖިސްޓްރީކުރިތާ ދެ ހަފްތާވީއިރު ވެސް ޕާޓީގެ މެމްބަރުންގެ އަދަދު އިލެކްޝަނުން ހާމަނުކުރޭ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިލެކްޝަންސް ކޮމިޝަނުގައި ޕާޓީއެއް ގޮތުގައި ރަސްޖިސްޓްރީކުރިތާ ދެ ހަފްތާވީއިރުވެސް ޕާޓީގައި ތިބި މެމްބަރުންގެ އަދަދު ހާމައެއް ނުކުރި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްއެންޕީ ރަޖިސްޓްރީކޮށް ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީގެ ނަން ހިމެނީ މިދިޔަ އޮކްޓޯބަރ 25 ވަނަ ދުވަހު އެވެ. ޕާޓީ ރަޖިސްޓްރީކުރަން އެދި ހުށައެޅީވެސް 5000 މެމްބަރުންގެ ސޮޔާއެކު ކަމަށް އެ ޕާޓީން ބުނެ އެވެ. ނަމަވެސް އެ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ފަހުންވެސް އެ ޕާޓީގައި މިހާރު ތިބީ ކިތައް މެމްބަރުން ކަމެއް އިލެކްޝަނުން ހާމައެއްނުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިހާރު 11 ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށްފައި އޮތްއިރު އޭގެ ތެރެއިން އެމްއެންޕީ ފިޔަވާ ދެން ހުރިހާ ޕާޓީއެއްގެ މެމްބަރުންގެ އަދަދު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި ހާމަކޮށްފައިވެ އެވެ. އެމްއެންޕީގެ ހަމަ އެކަނި ހިމަނާފައިވަނީ އެ ޕާޓީގެ މުވައްސިސްގެ ނަމާއި އެ ޕާޓީގެ އިދާރީ މައުލޫމާތެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ މެމްބަރުންގެ އަދަދު ނުހިމެނިވަނީ އެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.