Last Updated: May 7, 14:04
Wednesday, May 7, 2025
ޚަބަރު

ޖުމްހޫރީ ދުވަހުގެ ޖަލްސާ މިރޭ، ދިގު މުއްދަތައް ހިދުމަތްކުރުމުގެ އިނާމް 117 މީހަކަށް އަރުވާނެ

ރައީސް ސޯލިހު، ގައުމީ އިނާމު ހަވާލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިރޭ އޮންނާނެ އެވެ.

ރައީސް އޮފީހުން ބުނީ މިރޭ 8.30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށެވެ.

މި ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާއަދާކުރެއްވި ކަމުގައިވީނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް އެރުވޭ އިނާމެކެވެ. މިރޭގެ ޖަލްސާގައި 117 ބޭފުޅަކަށް މި އިނާމު އެރުވޭނެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ޢާންމުކޮށް ދެއްވާނީ، އަހަރަކު އެއްފަހަރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. އެހެންނަމަވެސް، މިއީ މި އިނާމަށް ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެފައި މިފަހަރު އެއް ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ވަނީ ނިންމެވީ ކަމަށް ވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.