Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު ފިނޭންސް މިނިސްޓްރީ

ޔާމީންގެ ސަރުކާރަށް ނިސްބަތްވާ 39.6 ބިލިއަން ރުފިޔާގެ ދަރަނި ރިކޯޑް ކުރެވިފައިވޭ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނިސްބަތްވާ 39.6 ބިލިއަން ރުފިޔާގެ ދަރަނި ރިކޯޑް ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓްގެ ބަހުސް ކުރިއަށްދާއިރު މެމްބަރުން ފާހަގަކުރާ ކަންކަމަށް ޖަވާބުދިނުމަށް ލިބޭ ފުރުސަތުގެތެރެއިން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވަނީ ބަޖެޓާ އެކު ދަރަނީގެ ވާހަކަ ދެކެވެމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކި ސަރުކާރުތަކުގައި ދަރަނި އިތުރުވެފައި ހުރިގޮތަށް ބަލާލަން ބޭނުންވާކަމަށް ވިދާޅުވެ އަމީރު ވަނީ އެކި ސަރުކާރު ތަކުގައި ނަގާފައިވާ ދަރަނި އިތުރުވެފައި ހުރިގޮތަށް އަލިއަލުވާލާ ވާހަކަ ދައްކަވާފައެވެ.

ދައުލަތުގެ ޖުމުލަ ދަރަނީގެ ތެރެއިން ޑެޓް އުޓްސްޓޭންޑިން އެންޑް ޑިސްބާސްޑް އަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގެ ދަރަނީގެ ގޮތުގައި އޮތީ 6.2 ބިލިއަން ރުފިޔާގެ ދަރަނިކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގެ ދަރަނީގެ ގޮތުގައި 11.3 ބިލިއަން ރުފިޔާ އަދި ރައީސް ވަހީދުގެ ވެރިކަމުގައި 6.2 ބިލިއަން ރުފިޔާ ކަމަށެވެ.

"އެކި ގޮތްގޮތުން އެކި އާޓިކަލްތައް ޗާޓުތައް އެބަހެދޭ، އަޅުގަނޑު ހަމަ މީތި ކްލިއާ ކޮށްލަން ބޭނުން. ރައީސް ޔާމީންގެ ސަރުކާރުން ޖުމުލަކޮށް އަޅުގަނޑުމެންނަށް ރިކޯޑް ކުރެވިފައި އެބަހުރި ސީދާ ރައީސް ޔާމީންގެ ސަރުކާރަށް ނިސްބަތްވާ 39.6 ބިލިއަން ރުފިޔާގެ ދަރަނި. އެއީ ސީދާ ސަރުކާރުގެ ސެންޓްރަލް ގަވަމެންޓްގެ ޑެޓަރ އޭގެއިތުރުން ސޮވަރިން ގެރަންޓީ ޑެޓް." އަމީރު ވިދާޅުވިއެވެ.

އަދި އެކި ކޮންޓްރެކްޓް ތަކުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަމުގައި 58.9 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ މިދުނިޔާގެ ތާރީހުގައިވެސް ނާންނަފަދަ އިގްތިސާދީ ކްރައިސިސްއެއްގެ ތެރޭގައި، މިސަރުކާރަށް ނިސްބަތްވާ ދަރަނީގެ އަދަދު އުޅެނީ 34 ބިލިއަން ރުފިޔާގައި ކަމަށެވެ.

މި 34 ބިލިއަން ރުފިޔާގެ ތެރެއިން އެމްއެމްއޭއަށް ސޮވަރިން ގެރަންޓީޑް ކަރަންސީ ސްވަޕްގެ ގޮތުގައި ދީފައިވާ 250 މިލިއަން ޑޮލަރު ހިމެނޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަދި އެމްއެމްއޭއިން އެ 250 މިލިއަން ޑޮލަރު މިއަހަރު ނިމުމުގެ ކުރިން ދައްކާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، މިސަރުކާރުން ގިނަ ދަރަނި ނެގީ ކްރައިސިސްއެއްގެ ތެރޭގައި ކަމަށާއި، ރަނގަޅު ނޯމަލް އިގްތިސާދެއްގެ ކުރިއަރަމުން ދިޔަ ދަނޑިވަޅެއްގައެއް ނޫންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ފިޔަވަޅުތަކެއް އަޅައި ދަރަނި މެނޭޖްކުރެވޭނެ ގޮތެށް ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ.