އަންނަ 2022 ވަނަ އަހަރު އިންފްލޭޝަން މާމަތިނުވެ ހިފެހެއްޓޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓްގެ ބަހުސް ކުރިއަށްދާއިރު މެމްބަރުން ފާހަގަކުރާ ކަންކަމަށް ޖަވާބުދިނުމަށް ލިބޭ ފުރުސަތުގެތެރެއިން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގު ބޮޑުވި ނަމަވެސް ރާއްޖޭގައި އަގުތައް ދަށްކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށެވެ.
އެގޮތުން ސަރުކާރުން އަގުހެޔޮ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އެއް ހިދުމަތަކީ އިންޓަނެޓްގެ ހިދުމަތްކަން ފާހަގަކުރެއްވިއެވެ. އަދި ބޭހުގެ އަގުތައްވެސް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން 2022 ވަނަ އަހަރު ޖުމުލަކޮށް އިންފްލޭޝަން މާމަތިނުވެ ހިފެހެއްޓޭނެކަމަށް އަމީރު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ހެދި ހުއްޓިފައިއޮތް ދުނިޔޭގެ އިގްތިސާދު ބާރު ސްޕީޑުގައި ހިނގައިގަތްފައިވާއިރު ސަޕްލައި ޗޭނަށް ނުުކުޅަދާނަ ވާވަރަށް މުދަލާއި ހިދުމަތުގެ ޑިމާންޑް ބޮޑުވެފައިވާކަމަށާއި، އެކަމުގެ އަސަރު ރާއްޖޭގެ ބާޒާރަށް ވެސް ކުރާނެކަމަށް ވިދާޅުވިއެވެ.