Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސިޔާމްގެ ކަންބޮޑުވުމަކީ ފްލައިޓްތައް ނުޖެއްސި ގިނައިރު މަތީގައި އުދުހެން ޖެހުން

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް - ފޮޓޯ: މަޖިލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަސް ޖައްސަން އަންނަ ފްލައިޓްތަކަށް ނުޖެއްސި ގިނައިރު މަތީގައި އުދުހެން ޖެހޭތީ އެކަމުގެ ކަންބޮޑުވުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ފާޅުކުރައްވައިފިއވެެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ސިޔާމް ވަނީ ރާއްޖެއަށް ޑޮލަރު ވަންނަ މައިގަނޑު ގޮތަކީ ފަތުރުވެރިކަމުގެ ސިނާއަތުކަން ފާހަގަ ކުރައްވާ އެދާއިރާއާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

އެގޮތުން ސިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު އިންޓަނޭޝަން ހަތަރު އެއާޕޯޓް އޮތްއިރު ވެސް ރާއްޖެއިން އަންނަ ބޯޓުފަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނުޖެއްސި މަތީގައި ގަޑިދެގަޑިއިރު އުދުއްސަން ޖެހޭކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭކަން ސިޔާމް ފާހަގަކުރެއްވިއެވެ.

"އެމީހުން ރާއްޖޭގަ އެކި ގެސްޓްހައުސްތަކާ ރިސޯޓްތަކަށް ނުގޮސް މާލޭގައި އެބަ ތިބެންޖެހޭ. އޭގެ ސަބަބުން އޮޕަރޭޓަރުންނާ އަޅުގަނޑުމެންނަށް މަސައްކަތްކޮށްދޭ ބޭރުގެ އެޖެންޓުން ވަރަށް ބޮޑެތި މައްސަލަ އެބަޖައްސާ." ސިޔާމް ވިދާޅުވިއެވެ.

މިގޮތަށް މިކަން ދިގުލައިގެންދާނަމަ އެއާލައިންތަކަށް ލިބޭ ގެއްލުންބޮޑުވާނެކަމަށާއި، އަދި އެކަމުގެ ސަބަބުން ޓިކެޓްގެ އަގުތައް ބޮޑުވެ ރާއްޖެއާ މެދު އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެކަމަށެވެ. އަދި މިކަމަށް ހައްލެއް ނުހޯދޭކަމުގައި ވާނަމަ ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް އަރައިގެން ނުދާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

މިކަމުގެ ހައްލެއްގެ ގޮތުގައި ސިޔާމް ވަނީ މާފަރު އެއާޕޯޓް ދެވަނަ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ގޮވާލައްވާފައެވެ.