Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެޗްއާރްސީއެމްގެ ރައީސް ކަމަށް މުނާ، ނައިބަކަށް އަދުހަމް އައްޔަނުކުރައްވައިފި

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސިއެމް)ގެ ރައީސް ކަމަށް މަރްޔަމް މުނާ އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އައްޔަނުކުރައްވައިފިއެވެ.

އެޗްއާރްސީއެމްގެ ރައީސް ކަމަށް މުނާ އަދި ނައިބު ރައީސް ކަމަށް އަދުހަމް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އޮކްޓޫބަރު 27 ވަނަ ދުވަހުއެވެ.

މުނާއަކީ އޮސްޓްރޭލިއާގެ އީޑިތް ކޯވަން ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ފަރާތެކެވެ. މުނާ މީގެ ކުރިން ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމުގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ވެސް ފުރުއްވާފައެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމަށް އައްޔަނުކުރަން ފާސްކޮށްފައިވާ ޑރ. އަދުހަމް، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. ޑޮކްޓަރ އަޙްމަދު އަދުހަމްވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން އަޙްމަދު އަދުހަމަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.