Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަން ނޭންގުމުން ޓްރީޓޮޕްގެ އިސް ތިން މީހަކަށް ދައުވާކޮށްފި

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަން ކަމާބެހޭ އިދާރާތަކަށް ނޭންގުމުން ޓްރީޓޮޕްގެ އިސް ތިން މީހަކަށް ދައުވާކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އިން ބުނެފައިވަނީ، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލުހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މަޢުލޫމާތު ޓްރީޕޮޓް ހޮސްޕިޓަލަށް ލިބުމުން އެމަޢުލޫމާތު އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރިޕޯޓް ކޮށްފައިނުވާކަމަށެވެ.

މިމައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ، ބ. އޭދަފުށި/ފެންއާރު އާދިލް މޫސާއާއި، ތ. ގުރައިދޫ/ކޮވެލިގެ އާމިނަތު ސުހާއާއި އަދި ސ. ހުޅުދޫ/ޑޭޒީވިލާ ނަޛީރާ ނަޖީބުގެ މައްޗަށެވެ. އެފަރާތްތަކުގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 53 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، އެނގިހުރެ ނޭންގުމުގެ ކުށުގެ ދައުވާއެވެ.

އެފަރާތްތަކުގެ މައްޗަށް އެދައުވާ ކޮށްފައިވަނީ 22 ޑިސެންބަރު 2020 ދުވަހު، ޓްރީޓޮޕް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ ރޮމަރ ސިމޯރާ ލަޒާޑޯ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން، އެނގިހުރެ، އެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިނުވާތީއެވެ.

މި މައްސަލައަކީ އާންމު ފަރާތްތަކަކުން ޕީޖީ އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، 2021 މާރިޗު މަހު، ދިވެހި ފުލުހުންގެ ހިދުމަތުން ތަހުޤީޤުކުރުމަށް އަމުރުކުރި މައްސަލައެކެވެ.