ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދިޔަ ކުދިންތަކަކަށް އަނިޔާކޮށް ޓޯޗަރގެ އަމަލު ހިންގި މައްސަލައިގައި 13 ފުލުހަކަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ދައުވާ ކުރުމަށް ފޮނުވާފައިވަނީ، 20 އެޕްރީލް 2017 އިން 22 އެޕްރީލް 2017 އަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ މުވައްޒަފުން ބައިވެރިވެގެން، ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެކި ކަހަލަ އަނިޔާތައްކޮށް، ޓޯޗަރގެ އަމަލު ހިންގި މައްސަލައިގައިކަމަށެވެ.
އެގޮތުން އެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ 13 ފުލުހެއްގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެންޓި ޓޯޗަރ ޤާނޫނުގެ 21 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ (ހ) އާއި، 15 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނުނުގެ 23 ވަނަ މާއްދާގެ (ކ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ރަޙުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ދަޢުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ޤަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށް ޕީޖީން ބުނެފައިވެއެ. މި މައްސަލައިގައި ތުހުމަތުކުރެވުނު ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި، އެފްސީޕީޑީގެ ވެރިޔާ މުހައްމަދު ބަޝީރުގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.