Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހިޔާގެ ކުދިންނަށް އަނިޔާކުރުން: ޒެނީޝާ އާއި ބަޝީރަށް ދައުވާ ކުރެވޭވަރަށް ހެއްކެއް ނެތް

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް ފުލުހުން އަނިޔާކުރި މައްސަލައިގައި އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާއި، ފުލުހުންގެ އެފްސީޕީޑީގެ ވެރިޔާ މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެކި ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިމައްސަލައަކީ 20 އެޕްރީލް 2017 އިން 22 އެޕްރީލް 2017 އަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ މުވައްޒަފުން ބައިވެރިވެގެން، ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެކި ކަހަލަ އަނިޔާތައްކޮށް، ޓޯޗަރގެ އަމަލު ހިންގާފައިވާ މައްސަލައެކެވެ.

އެ މައްސަލަ ބެލުމަށްފަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އެދިފައިވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އަދި އެފްސީޕީޑީގެ ވެރިޔާ ބަޝީރު ހިމެނޭގޮތަށް ޖުމުލަ 30 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށެވެ.

އެހެންނަމަވެސް އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން، ރަޙުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 13 ފުލުހެއްގެ މައްޗަށް އެކަންޏެވެ.

އެމައްސަލައިގައި ޕީޖީން ބުނެފައިވަނީ ދަޢުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ޤަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވުނު ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި، އެފްސީޕީޑީގެ ވެރިޔާ މުހައްމަދު ބަޝީރުގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާ ކަމަށެވެ.

މިމައްސަލައިގައި ޒެނީޝާއަށް ދައުވާ ކޮށްދެން އެޗްއާރްސީއެމުން އެދުމުން އެކަމުގައި ގިނަބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި ޒެނީޝާގެ ދިފާއުގައި ގިނަ ފަރާތްތަކަކުން ވާހަކަ ދައްކާފައިވެއެވެ. އޭގެތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.