Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް ގިނަ މަސައްކަތް ކުރަން އަދިވެސް އެބަހުރި: އެމްއާރްއެމް

ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް މުހިންމު އަދި ގިނަ މަސައްކަތް ކުރަން އަދިވެސް އެބަހުރި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހާއި ގުޅިގެން އެމްއާރްއެމްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި މި ވޭތުވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާން ތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައި ވާކަމަށެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބު ތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނޭ ކަމަށެވެ. އަދި މިކަންކަމުން ހާމަ ވެގެން ދާ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަން ކަމަށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

"އަދި ހަމައެހެންމެ، ޖުމްހޫރީ ދުވަހުގެ މި މުނާސަބަ ދަނޑިވަޅުގައި އަޅުގަޑުމެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމަޢެއް ޤާއިމު ކުރުމާއި، ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނެއެވެ." އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރާއްޖެ ތަރައްޤީ ކުރުމުގައާއި، ރައްޔިތުންނަށް ކުރިއެރުން ގެނައުމުގައި ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ހުރުމުގެ ފައިދާ ދިވެހީން ދެކިފައިވާ ކަމަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.