ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ 'ސްޓާފް ޗެރިޓީ ރަން' މިއަދު ބާއްވައިފިއެވެ.
މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބާއްވާ މި ދުވުން ބާއްވާފައިވަނީ ބޭންކުގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މި ދުވުމުގައި ބީއެމްއެލްގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ބައިވެރިވެފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.
މި ދުވުމުގެ ބައިވެރިން، ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން ގެ ޕްރޮގްރާމްތައް ހިންގުމަށް 80،000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ. މި އެހީގައި ޑެފް އެސޯސިއޭޝަންއިން ސައިން ލެންގުއޭޖް ކޯސްތައް ހިންގުމަށް ރާވާފައިވާއިރު ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 30 ބިހޭވިއޮރަލް ތެރަޕިސްޓުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
"ކޮންމެ އަހަރަކުވެސް ބާއްވާ "ސްޓާފް ޗެރިޓީ ރަން" އަލުން ފަށާ މި ދުވުމުގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭކަމީ އަޅުގަނޑަށް ލިބޭ އުފަލެއް. މިއަދަކީ ބޭންކުގެ އަހަރީ ދުވަސްކަމުން، މި ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ވަފާތެރިކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަމުންދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.
"ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.