Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކުރިއަށްއޮތް ތިން ދުވަހުވެސް ވައިގަދަވެ ކަނޑުގަދަވާނެ

ކުރިއަށްއޮތް ތިން ދުވަހުވެސް ރާއްޖެ ސަރަހައްދުގައި ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ، ބޭ އޮފް ބެންގޯލްގެ ހުޅަނގުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގުއުތަށްޖެހި، އިންޑިއާގެ އައްސޭރިފަށަށް މިއަދު އަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މިކަމާ ގުޅިގެން ކުރިއަށްއޮތް 3 ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މިގޮތުން މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އެހެންކަމުން އާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔަގީން ކުރެއްވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.