Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

އިންޓަރ ސްކޫލް ކޯސްޓަލް ބީޗް ސްޕްރިންޓް މުބާރާތް ފަށައިފި

މުބާރާތުގައި ބައިވެރިވާ ބައެއް ފަލިޖެހުންތެރިން: ފޮޓޯ - އައުސަމް އަލީ

އެމް.ޑަބްލިއު.އެސް.ސީ އިންޓަރ ސްކޫލް ކޯސްޓަލް ބީޗް ސްޕްރިންޓް 2021 ފަށައިފިއެވެ.

ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ މި މުބާރާތް ޝަރަފުވެރިކޮށްދެއްވާފައިވަނީ އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރެވެ.

މުބާރާތް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މޭޔަރ ނިޒާރު ވިދާޅުވީ، ފަލިޖެހުމަކީ އައްޑޫސިޓީ ކައުންސިލުން ޚާއްސަ އަހައްމިޔަތުކަމެއް ދެއްވާ ކުޅިވަރެއް ކަމަށެވެ. އަދި މި ކުޅިވަރަށް ޚާއްސަ އަހައްމިޔަތުކަމެއް ދޭންޖެހޭ މައިގަނޑު ސަބަބަކީ ރޯވިންގ އެސޯސިއޭޝަަނަކީ އައްޑޫސިޓީގައި ރަޖިސްޓަރީކޮށްގެން ހިންގާ އެސޯސިއޭޝަނަކަށް ވުންކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

އައްޑޫސިޓީ ހިތަދޫގައި ކުރިއަށްގެންދާ މި މުބާރާތުގައި އައްޑޫގެ ބައެއް ސްކޫލްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ފަލިޖެހުންތެރިންވެސް ބައިވެރިވެފައެވެ. އެގޮތުން ޕާކިސްތާނުގެ ކަރާޗީ ބޯޓިންގ ކްލަބުންވެސް މި މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.

މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 11 ނޮވެމްބަރުން ފެށިގެން 14 ނޮވެމްބަރުގެ ނިޔަލަށެވެ. މުބާރާތުގެ އިވެންތުތައް ހިތަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދާއިރު، ގިނަ ބައެއްގެ ފަރާތުން ތަރުހީބު އަންނަނީ ލިބެމުންނެވެ.