ބާސެލޯނާ އަށް ކުރިން ކުޅުނު ބްރެޒިލްގެ ފުލްބެކް ޑެނިއަލް އަލްވޭސް އަލުން އެނބުރި އެ ކްލަބާއި ގުޅިއްޖެ އެވެ.
އުމުރުން 38 އަހަރުގެ އަލްވޭސް ބާސާއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ. އަލްވޭސް އެންމެފަހުން ކުޅުނީ ބްރެޒިލްގެ ސައޮޕާލޯ އަށް ކަމަށްވާއިރު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭ އޭނާ ވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ.
ބާސާ އިން ބުނީ އަންނަ ހަފްތާގައި އެ ކްލަބުގެ ފަރިތަކުރުންތަކުގައި އަލްވޭސް ބައިވެރިވާނެ ކަމަށެވެ. ނަމަވެސް އޭނާ އަށް ކްލަބަށް މެޗެއް ކުޅެވޭނީ އަންނަ ޖެނުއަރީ ޓްރާންސްފާ މާކެޓު ހުޅުވުމުން ރަޖިސްޓާކޮށްގެން ކަމަށްވެސް ބާސާ އިން ބުނެ އެވެ.
ބާސާގައި އަލްވޭސް ހޭދަކުރި 8 އަހަރުތެރޭ އޭނާ ވަނީ އެ ކްލަބާއެކު 23 ތަށްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެތެރޭގައި ހަ ސްޕެނިޝް ލީގާއި ތިން ޗެމްޕިއަންސް ލީގު ހިމެނެ އެވެ.
ބާސާ ދޫކޮށްލިފަހުން އަލްވޭސް ވަނީ ޕީއެސްޖީ އަދި ޔުވެންޓަސް އަށް ވެސް ކުޅެދީފަ އެވެ.