މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުން "ޚަރާބު" ކުރާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށްބުން އަދި އެމީހުން ރާއްޖެއިން ބޭރުމަށް ގޮވާލާ އިދިކޮޅުން އިއްޔަ މާލޭގައި ހިނގާލުމެއް ބާއްވާފައިވާއިރު، އެ ހިނގާލުމުގައިވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.
އެކަމާގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އަވައްޓެރި އިންޑިއާއާ ދޭތެރޭ ރައްޔިތުން ނަފުރަތު އުފެދޭ އެއްބަސްވުންތަކުގައި ސޮއިކުރާކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން "ކޮންމެ ގޮތެއް ހަދާފަވެސް ނިންމަން ޖެހޭ" ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިނގާލުން އިއްޔަ ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހިނގާލުމުގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށް އެފަދަ އަމަލުތައް ކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ.