Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

100 ކިލޯ ޑްރަގް މައްސަލައިގައި ހިމެނޭ ފަސް މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފި

ފުލުހުން އަތުލައިގަނެފައިވާ 100 ކިލޯގެ މަސްތުވާތަކެތި--

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.

100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. އެ މައްސަލައިގައި ޖުމުލަ 10 މީހުން ހައްޔަރުކުރިއިރު، އޭގެތެރެއިން ފަސް މީހުން ބަންދުން ދޫކޮށްލާފައިވެއެވެ. ބަންދުން ދޫކޮށްލާފައިވާ މީހުންގެ ތެރޭގައި މިކަމުގައި އެންމެ އިސްކޮށް އުޅޭކަމަށް ބުނާ މީހާވެސް ހިމެނެއެވެ.

މިމައްސަލައިގައި މިވަގުތު ބަންދުގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ. އެއީ އެމްޑީ ރަފީޤުލް އިސްލާމް، ޑީއެމް މޮބިން، ޖަނަވަރީމާގެ / ލ. ކަލައިދޫ މުހައްމަދު އަހުމަދު، ޕޮލަރިސް / ދ. ބަނޑިދު މުހައްމަދު ހުސައިން އަދި ބީޗްހެވެން / ނ. ވެލިދޫ ޖުމާން މުސްތަފާ އެވެ.

މީގެތެރެއިން ދިވެހިންގެ ބަންދަށް 15 ދުވަސް ކޯޓުން އިއްޔަ އިތުރުކުރިއިރު، ދެ ބިދޭސީންގެ ތެރެއިން އެކަކުގެ ބަންދަށް 15 ދުވަސް އަނެކަކުގެ ބަންދަށް ފަސް ދުވަސް އިތުރު ކޮށްފައިވެއެވެ.

އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.