Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ބަޖެޓް 2022: މަޖިލީހުގެ ބަޖެޓަށް 7 މިލިއަން އިތުރު ކުރަނީ

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގައި ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ ބަޖެޓް ބޮޑުކުރުމަށް ހުށަހެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 191 މިލިއަން ރުފިޔާއެވެ.

އެހެންނަމަވެސް އިތުރު ހަތް މިލިއަން މަޖިލީހުގެ ބަޖެޓަށް އިތުރު ކުރުމަށް ހުށަހެޅުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި އެކިއެކި އިވެންޓުތައް ބްރޯޑްކާސްޓުކޮށް ފްރޭމް ކުރެވޭނެގޮތް ހެދުމަށާއި، ކޮމިޓީ ރޫމްތަކާއި އިދާރާތަކަށް ބޭނުންވާނެ ވަސީލަތްތައް ހަމަކުރުމަށެވެ.

އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

2022 ވަނަ އަހަރަށް އެކުލަވާލައިފައިވާ ބަޖެޓުގެ ތެރެއިން ޖުމުލަ ޚަރަދަކީ 34,028 މިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމުލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.