Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުން ބޭނުންތެރި

ހަސަން ލަތީފް-- ފޮޓޯ: މިހާރު

އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުން ބޭނުންތެރިކަމަށް އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލުމާތު ރައްޔިތުންނަށް ސާފުކޮށްދިނުން މުހިންމު ކަމަށާއި، ފޮރުވައިގެން ސިއްރުން ކަމެއް ކުރަން ނޫޅޭކަން ސާފުކޮށްދޭންޖެހޭކަމަށެވެ.

އަދި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރިކަމެއްކަމަށް ދެކޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހަސަން ލަތީފް މިފަދައިން ޓްވީޓްކުރެއްވިއިރު، ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިނގާލުން އިއްޔަ ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހިނގާލުމުގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށް އެފަދަ އަމަލުތައް ކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ.