ރާއްޖޭގެ 31 ރަށެއް މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، މިއަދު ހެނދުނު 08:30 އާ ހަމައަށް 31 ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި، އޭގެތެރެއިން 7 ރަށް މޮނިޓަރިންއަށް ގެނެސްފައިވަނީ މިއަދު ކަމަށެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ، ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، ފ. ނިލަންދޫ، ލ. ގަން، ބ. ގޮއިދީ، ނ. ހޮޅުދޫ، މ. މުލަށް، ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، ށ. ފުނަދޭ، މ. ދިއްގަރު، ނ. މިލަދޫ، ކ. ހުރާ، މ. މުލި، ށ. ގޮއިދޫ، ބ. ހިތާދޫ، ތ. ތިމަރަފުށި، ރ. މަޑުއްވަރި، ރ. މީދޫ، ރ. އިންނަމާދޫ، ގއ. ކަނޑުހުޅުދޫ، ރ. އަލިފުށި، ދ. މާއެނބޫދޫ، ފ. ބިލަތްދޫ، ގއ. މާމެންދޫ، ގދ. ފަރެސްމާތޮޑާ، ނ. ކުޑަފަރި އަދި ނ. ވެލިދޫ އެވެ.
މީގެތެރެއިން މޮނިޓަރިންގައި އެންމެ ގިނަދުވަސް ވެފައިވަނީ އައްޑޫސިޓީ އެވެ. ހުޅުމީދޫ ފިޔަވަޔާ އައްޑޫގެ ދެންހުރި ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ އޮގަސްޓް 28 ވަނަ ދުވަހުއެވެ. ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 89،713 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2،228 މީހަކު ތިބިއިރު، މީގެތެރެއިން 13 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 87،225 އަށް އަރާފައެވެ.