Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

215 ކިލޯ ޑްރަގްސް މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

215 ކިލޯގެ ޑްރަގްސްއާއެކު ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔަ ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ނުވަތަ ފަނޑިޔާރު އެހެން ގޮތަކަށް ކަނޑައަޅަންދެން ދެ މީހުން ވެސް ބަންދުކުރަން އަމުރުކޮށްފައެވެ.

މިއޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 އޮކްޓޯބަރ 15 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ. އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި އޮަޕަރޭޝަންގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށެވެ.

މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ދެމީހުންގެ ބަންދު އިތުރުކުރުމަށް މީގެކުރިން ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ވަނީ ފުލުހުން އެމީހުންނަށް އަނިޔާކުރިކަމަށް ބުނެފައެވެ. އެހެންކަމުން އެ ކަން ބެލުމަށް އެޗްއާރްސީއެމަށް އަންގާފައިވެއެވެ.