Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބިލު ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ޤާއިމުކުރެވޭނެއެވެ. ފޮރިން ސަރވިސް އެކުލެވިގެންވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި ވާގޮތުން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެމަތިން، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ.

ޤާނޫނުގައިވާ ގޮތުން ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެއެވެ. އަދި، ފޮރިން ސެކްރެޓަރީއަކީ ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފުކަމަށާއި، ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންކަމުގައި މި ޤާނޫނުގައި ވެއެވެ. ފޮރިން ސެކްރެޓަރީގެ މަޤާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، ފޮރިން ސަރވިސް އެކުލަވާލަންވާނެކަމަށާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބެހިގެންވަނީ އެގްޒެކެޓިވް ސަރވިސް ސްޓާފުން؛ އަދި ޖެނެރަލް ސަރވިސް ސްޓާފުންގެ މަޤާމުތަކުގެ މައްޗަށްކަމުގައި ޤާނޫނުގައި ވެއެވެ. މީގެ އިތުރުން ވެސް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިނގަމުންއައި ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ޤާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށް ގެންދެވޭ އިންސްޓިޓިއުޓްއަކަށް ބަދަލުވެގެންދާނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.