Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

އުރީދޫގެ އާ އޮފީސް އިމާރާތުގެ މަސައްކަތް ފަށައިފި

އުރީދޫ މޯލްޑިވްސްގެ 11 ބުރީގެ އާ ކޮމާޝަލް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް މިއަދު އިފްތިތާހުކޮށްފި އެވެ.

އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް އިފްތިތާހު ކޮށްދެއްވައިފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން ގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓް ޓީމްގެ މެމްބަރުންގެ ހާޒިރުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހުޅުމާލޭގައި 6982.89 ސްްކުއަރ މީޓަރުގެ މި އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިގެންދާނެ ކަމަށް އުރީދޫއިން މައުލުމާތުދެއެވެ.

ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވޭ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، އެންޓަޓޭންމެންޓް އޭރިއާ، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ސެމިނާ ހޯލް، ޕާކިން އޭރިއާ އަދި އިތުރު އެތައް ޙިދުމަތްތަކެއް މުވައްފުނަށް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. އުރީދޫ މޯލްޑިވްސްގެ އާ ހެޑް އޮފީހުގެ މަސައްކަތް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.