Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

މަހުލޫފް މައްސަލަ އަދި ވެންޓިލޭޓަރު މައްސަލައިގައި ޕީޖީން އަންނަ ހަފްތާގައި ގޮތެއް ނިންމަނީ

ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހެލްތް މިނިސްޓްރީން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ލިބިފައި ނުވާ މައްސަލައިގައި ދައުވާ ކުރުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އޭސީސީން މައްސަލަތައް ޕީޖީއަށް ފޮނުވަނީ ކުރީބައިގައި މަޝްވަރާ ކުރުމަކާ ނުލާ ކަމަށާއި، އެހެންވުމުގެ ސަބަބުން މައްސަލަ ލިބުމަށްފަހު ޕީޖީން ބޭނުންވާ އިތުރުކަންކަން ސާފުކުރަންޖެހޭ ފަހަރުތައްވެސް އަންނަކަމަށެވެ.

އެގޮތުން ވެންޓިލޭޓަރު މައްސަލައިގައިވެސް އޭސީސީން ތަހުގީގު ނިންމަވާ ޕީޖީއަށް ފޮނުވާފައިވަނީ ކުރިން މަޝްވަރާ ކުރުމެއް ނެތިކަން ފާހަގަކޮށް ޕީޖީ ވިދާޅުވީ، އެހެންވުމުގެ ސަބަބުން އެ ލިޔުންތައް މިހާރު ދިރާސާކުރަމުން އަންނަކަމަށެވެ.

"އަޅުގަނޑުމި އުންމީދުކުރަނީ އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާ ކުރީކޮޅަށް ވެންޓިލޭޓަރު މައްސަލައާ މިނިސްޓަރު މަހުލޫފްގެ މައްސަލައާ، އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނެކަމަށް." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިއިން އެއްވެސް މައްސަލައަކާ ގުޅިގެން އެއްވެސް ފަރާތަކުން ނުރަނގަޅު ނުފޫޒެއް އެމަނިކުފާނަށް ނާންނަކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު ހިމެނޭ ގޮތަށް 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން އެދިފައިވާއިރު، އަލަށް ކޮށްދިނުމަށް އޭސީސީން އެދިފައިވާ ދައުވާއަކީ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.