ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލި މަގާމުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ޒިޔާދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން ނިންމަވާފައިއޮތްގޮތުން ރާއްޖޭގައި އޮންނަންވީ ހަމައެކަނި ފިނޭންސް މިނިސްޓްރީއާ އޭޖީ އޮފީހާ އެކަނިކަމަށެވެ.
"އެ ނިންމުމުގަ އޮތްގޮތުން ފިނޭންސް މިނިސްޓްރީއާ އޭޖީ އޮފީހާ ފިޔަވާ އިތުރު ތަނެއް އޮންނާނެކަމެއް ނެތް، އެއްވެސް މިނިސްޓްރީއެއްގެ ޒިންމާއެއްވެސް، އެހުކުމް އޮތްގޮތުން ނެތް. އެއީކީ ހަމަޖެހޭ ގޮތެއް ނޫން." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ކްރމިނަލް ކޯޓުގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި، އެހެންކަމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިހަފްތާގައި އިސްތިއުނާފު ކުރެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ޑރ. ޒިޔާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީ އާއި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިދު ފައިދާއެއް ހޯދާދީފައިވާ މައްސަލައާ ގުޅިގެންނެވެ.