އެކި މައްސަލަތަކުގައި ސިއްރު ހެކިންގެ މައުލޫމާތު ލީކުވެ އެމީހުންނަށް އިންޒާރުދޭ މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ޔާމީން ރަޝިދުގެ މަރާލި މައްސަލަފަދަ ދެތިން މައްސަލައެއްގައި ސިއްރު ހެކިންގެ މައުލޫމާތު ލީކުވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
އެހެންކަމުން އެކަންކަން ބެލުމަށް އަދި ވީ ގޮތެއް ސާފުކޮށްދިނުމަށް ފުލުހުންނަށް ދަންނަވާފައިވާނޭ ކަމަށް ވިދާޅުވިއެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ސިއްރު ހެކިން ކަމަށްބުނެ ބައެއްގެ މައުލޫމާތު އަދި ފޮޓޯ މީގެކުރިން އާންމުވެފައިވެއެވެ.