Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މަޖިލީހުގެ ރައީސް ނެމީބިއާ އަށް

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު. ފޮޓޯ. މަޖިލިސް އިދާރާ

ނެމީބިއާގައި އޮންނަ "މީޓިން އޮފް ދަ ސްޓޭންޑިން ކޮމިޓީ އޮފް ދަ ކޮންފަރެންސް އޮފް ސްޕީކާޒް އެންޑް ޕްރިސައިޑިން އޮފިސަސް އޮފް ކޮމަންވެލްތު" ގައި ބައިވެރިވަޑައިތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ނެމީބިއާއަށް ފުރާވަޑައިގެންފި އެވެ.

ކޮމަންވެލްތުގެ ޕާލިމަންޓްތަކުގެ ސްޕީކަރުންނާއި، ޕްރިސައިޑިން އޮފިސަރުންގެ ކޮންފަރެންސްގެ ސްޓޭންޑިން ކޮމިޓީގެ ބައްދަލުވުން އޮންނާނީ މި މަހުގެ 10-13އަށް ނެމީބިއާގެ ސްވާކޮޕްމުންޑްގަ އެވެ.

މިކޮންފަރެންސްގެ ސްޓޭންޑިން ކޮމިޓީ އަށް ރާއްޖެ އިންތިޚާބުވެފައި ވަނީ މިދިޔަ އަހަރު އެވެ. ސްޓޭންޑިން ކޮމިޓީގައި ރާއްޖޭގެ އިތުރުން 15 ގައުމު ހިމެނެ އެވެ. އޭޝިޔާގެ ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރެއިން ސްޓޭންޑިން ކޮމިޓީގައި ހިމެނެނީ ދިވެހިރާއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެމީބިއާ އަށް ކުރައްވާ މި ދަތުރުފުޅުގައި އެންގޯލާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް ލުއަންޑާއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

މި ދަތުރުގައި، ޝާހިދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަހުމަދު މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.