Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ރިހެބް ސެންޓަރު ހިންގުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ދޭންޖެހޭ: ހަސަން

މެމްބަރު ހަސަން ލަތީފް - ފޮޓޯ: މަޖިލިސް

ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ދޭންޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވަނީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޖީލު ސަލާމަތް ކުރަން ޖެހިފައިވާކަން ފާހަގަކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ހަސަން ލަތީފް ވިދާޅުވީ، އަންނަ އަހަރު ނެޝެނަލް ޑްރަގް އޭޖެންސީގެ ބަޖެޓަށް 129 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ އިރު އޭގެތެރެއިން 117 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުން ދުރު ކުރުމަށާއި ފަރުވާގެ އެކި ކަންކަމަށެވެ. ބަޖެޓް ކަނޑައެޅިފައި އޮތްނަމަވެސް ރާއްޖޭގެ އިންސާނީ ވަސީލަތް ހުރިގޮތުން، ދިވެހިން ބޭނުންވާ މިންވަރަށް، އެފަރުވާގެ ކަންކަން ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެކަމަކީ ބޭރުފަރާތްތަކަށް ދޫކޮށްލައިގެން އެ ފަރާތްތަކުން ކުރާ ކަމެއްގެ ގޮތަށް ސިޔާސަތަށް ބަދަލެއް ގެންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

"މި ދަންނަވާ އެހީއަކީ ބޭރުގެ ފަރާތްތަކުން މިތަނުގައި ރިހެބް ސެންޓަރުތައް ހިންގުމުގެ ވާހަކަ. އެކްސްޕާޓެއް ގެނެސްގެން އޭނާގެ އެހީ ހޯދާ ވާހަކައެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަވަހަށް ކުރާ ކަމަަކަށް ނުވެއްޖިއްޔާ ކުރިއަށް އޮތް ޖީލު އަތުލައިގަތުމަކީ ފަސޭހަ ކަަމަކަށް ނުވާނެ." ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ދިވެހިންނަށް ކުރަން ދަތި، ކުރަން ނޭނގޭ ކަންތައްތައް އަދި ކުރަން އުނދަގޫ ކަންތައްތައް އަބަދުވެސް ކުރަނީ ބޭރުގެ ފަރާތްތަކުގެ އެހީގައިކަމަށެވެ. އަދި މިކަމުގައިވެސް ދަލަތުގެ އިދާރާތަކުން މަޝްވަރާކޮށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަކީ އެދޭކަމެއްކަމަށެވެ.