ތިން ގައުމަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
ސަފިރު ކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އެރުވީ ނައިޖީރިއާގެ އާސަފީރު ހިޒް އެކްސަލަންސީ އަބިއޮޔޭ މުޙައްމަދު ބެއްލޯ، ފިލިޕީންސްގެ އާސަފީރު ހިޒް އެކްސަލަންސީ އެލަން އެލް ޑެނިއެގާ އަދި ނިއުޒިލެންޑްގެ އާސަފީރު ހިޒް އެކްސަލަންސީ މައިކަލް އެޑްވަރޑް އެޕަލްޓަންއެވެ. މި ތިން ބޭފުޅުންވެސް ސަފީރު ކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައެވެ.
ނައިޖީރިއާގެ އާ ސަފީރާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހްވަނީ ރާއްޖެއާއި ނައިޖީރިއާ އާއި ދެމެދު އޮތް 40 އަހަރު ވެފައިވާ ތާރީޚީ ގާތް ގުޅުން ފާހަގަކުރައްވާ، ދިވެހި ސަރުކާރުން މި ގުޅުން ބަދަހިކުރެއްވުމަށް ޢަޒުމް ކަނޑައަޅާފައިވަނީ، ދެ ޤައުމުން ޤަބޫލުކުރާ އެއްބައިވަންތަކަމުގެ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަން ފާހަގަކުރައްވާފައެވެ.
ފިލިޕީންްސްގެ އާސަރީފާ އެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް އާއި ސަފީރު ވަނީ ދެ ޤައުމުގައި ހުރި ޚިޔާލު އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެދެބޭފުޅުން ވަނީ ދެ ޤައުމުގެ މިހާރުގެ ކޮވިޑްގެ ޙާލަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ނާޒުކުކަމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މީގެއިތުރުން ނިއުޒިލޭންޑްގެ ސަފީރާއެކު ކުރިއަށްގެންދެވި ބައްދަލުވުމުގައި ރައީސް ސޯލިހްވަނީ ރާއްޖެއާއި ނިއުޒިލެންޑާ ދެޤައުމުގެ ދެމެދުގައި އޮންނަނީ އެއްޤައުމުން އަނެއް ޤައުމަށް ޚާއްޞަ އަދި ދެޤައުމުގެވެސް ޝައުޤުވެރިކަން އޮނަނަ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި، ދެ ޤައުމުންވެސް އެންމެ ކަންބޮޑުވާ އެއް ދާއިރާއަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރާ ހަނގުރާމަކަމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާއި، ދެ ޤައުމުގެ މިހާރުގެ ކޯވިޑް-19 ގެ ޙާލަތާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި، ޞުލްޙައާއި ސަލާމަތާއި ރައްކާތެރިކަމާއި، އަދި ދެ ޤައުމުގެ މަތީ ފަންތީގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.