މަރުކަޒީ ބޭންކުން ފައިސާ އިތުރަށް ޗާޕް ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، 2020 އޭޕްރީލް 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން، މިނިސްޓްރީ އޮފް ފިނޭންސްގެ އެދުމުގެ މަތިން، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އާއި، (ބ) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލުކުރުމަށް 1 އަހަރު ދުވަހުގެ އިސްތިސްނާއެއް ދެއްވާފައިވާކަމަށެވެ. މި އިސްތިސްނާއަށް އެދިފައިވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ އިސްތިސްނާތަކުގެ ތެރެއިން، އެމާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ ފަދަ ގުދުރަތީ ކާރިސާއެއް މެދުވެރިވުމުން ކަމަށެވެ. އަދި 2021 ވަނަ އަހަރުގެ އެޕްރީލް މަހުވެސް ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވި ހީނަރުކަން ފިލައިގޮސްފައިނުވާތީ، އިތުރު 1 އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާގެ މުއްދަތު ދަންމާލުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާކަން ފިނޭންސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ވޭތުވެދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ. މީގެ އިތުރުން، އިޤްތިސާދީގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ.
މީގެއިތުރުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ވެކްސިނާއެކު ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނި، ބޯޑަރުހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ބާރުވަމުން ދިޔަނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް މި ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަނެވިފައި ނުވާކަމަށެވެ. އަދި އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި، ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓް ގެ އޯވަރޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގަޔާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމަށްވެސް ފިނޭންސް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވިދާޅުވީ، ފައިނޭންސިންގ ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު، 2022 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިޤްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެކެވެ.
އެހެންކަމުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ، 26 އޭޕްރީލް 2022 އިން ފެށިގެން އިތުރު 1 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް އެދޭކަމަށެވެ.