Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ކުށަކަށް އަރައިނުގަނެ ގިނަދުވަސް ވެފައިވާ މީހުންނަށް އަދުލުވެރި ހައްލެއް ހޯދައިދެވޭތޯ އެބަބަލަން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--

އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ މީހުންގެ ތެރެއިން ކުށަށް އަރައިނުގަނެ ގިނަ ދުވަސްވެފައިވާ މީހުންނަށް އަދުވެރި ހައްލެއް ހޯދައިދެވޭތޯ ބައްލަވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އީވާ ކުރެއްވި ސުވާލުގައި ބުނެފައިވަނީ މާފްދިނުމާއި އަދަބު ލުއިކޮށްދިނުގެ ގާނޫނުގެ ދަށުން ގޭބަންދަށް ދޫކޮށް ވަކި މުއްދަތެއްގައި ހުރުމަށް ފަހު، ރަށުބަންދަށް ނުވަތަ ޖަލުން ރަށުބަންދަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓް ހިފަހައްޓާފައިވާ މީހުން އިތުރު މުއާމަލާތެއް ނުހިންގާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތައް ހިމެނޭ ކަމަށާއި، އެއީ ބައެއްގެ ހައްގުތަކެއް ގެއްލިގެންދާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ނުލިބި ލަސްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައިވެއެވެ.

އެ ސުވާލަށް ފޮނުއްވި ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، މަޢާފު ދިނުމާ އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައިނުވާނެކަމަށެވެ.

ނަމަވެސް، ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދޫކޮށްލެވުނު ފަރާތްތަކުގެ ތެރެއިން، އެފަރާތްތަކަށް ކުރެވުނު ޝަރުތުތަކާއި ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫޢަ ކުރަންޖެހޭ ފަރާތްތައްވެސް ހިމެނޭ ގޮތަށް، ހުކުމް ތަންފީޛު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މުޖްތަމަޢަށް ދޫވެފައިވާ އެކިފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓިފައިވާކަމަށެވެ.

މީގެއިތުރުން، ގޭބަންދުކޮށްފައިވާ ނުވަތަ ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކުގެ ތެރޭގައި އިތުރު ކުށަކަށް އަރައިނުގަނެ ގިނަ ދުވަސްވެފައިވާ ފަރާތްތައް ވެސް ތިބިކަމަށާއި، އެ މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމް މިހާރު ތަންފީޒުކުރަން ފެށުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުފެންނަކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އަދި އިތުރު ކުށެއް ނުކުރާ މީހުންނަށް އަދުލުވެރި ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާކަމަށާއި، އިތުރު ކުށެއް ނުކޮށް ވަޒީފާއަށް ގޮސް، އާއިލާއާ އެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ ފަރާތްތަކުގެ މައްޗަށް އަހަރުތަކެއް ކުރިން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ޖަލަށް ގެނައުމަކީ މީހުން ރިހެބިލިޓޭޓުކޮށް މުޖުތަމައަށް ނެރުމަށް ބާރުއެޅުމަށް މިނިސްޓްރީން ގެންގުޅޭ ސިޔާސަތާ ހިލާފު ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.