ދިވެހި އަދަބީ ރޮނގުތަކުން ޚާއްޞަކޮށް ޅެންވެރިކަމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަލްމަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހެނދުނު ސޮއިކުރައްވައިފިއެވެ.
ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސޯލިހް ލިޔުއްވި ބަޔާނުގައި ވާގޮތުގައި އަލްމަރްޚޫމް ކޮޕީ ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި، ދިވެހި މުޖުތަމަޢަށް ވަރަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށާއި، އެބޭފުޅާ ދިވެހި ޤައުމަށް ދޫކުރެއްވީ ވަރަށް އަގުބޮޑު އަދަބީ ތަރިކައެއްކަމުގައެވެ. އަދި، އަލްމަރްޚޫމް ކޮޕީ ރަޝީދު ވަކިވެދިޔުމަކީ ދިވެހި ޤައުމަށާއި އަދަބިއްޔާތައް ލިބުނު ހީނަރުކަމެއްކަމުގައި ވެސް ރައީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް ސޯލިހްގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.
ކޮޕީ ރަޝީދު އަވަހާރަވެފައިވަނީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.
ރަޝީދު ވަނީ 32 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ. ކޮޕީ ރަޝީދު ވަނީ މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު ޅެން ހެދުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރައްވައިފައެވެ. އަދި ތާނަ އަރަބި ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.