ރައްޔިތުންގެ މަޖިލިސް ހިނގަމުން އަންނަނީ ހުދުމުހުތާރު ނޯތް ކޮރެއާގެ ސިސްޓަމަށް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވެފައިވަޏީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ އޯވަޑްރޯގެ މައްސަލައަށް އޭނާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބުމުންނެވެ.
އޯވަޑްރޯގެ މައްސަލައިގައި ވާހަކަ ދައްކުމަށް ބޭނުންވާ މެމްބަރުންނަށް ފުރުސަތަށް އެދުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލީ ފަސް މިނެޓަށެވެ. އަދި ހުޅުވާލުމަށްފަހު އެ މެމްބަރުންނަށް ވާހަކަ ދެއްކުމަށް ލިބޭނެ ވަގުތު ކަނޑައެޅުއްވާ ކޮންމެ މެމްބަރަކަށް 10 މިނެޓް ލިބިވަޑައިގަންނަވާނެ ކަން ހާމަކުރެއްވިއެވެ. ސައީދު ފުރުސަތަށް އެދިވަޑައިގެންފައިވަނީ އޭގެ މާފަހުންނެވެ.
މެމްބަރުން މިމައްސަލައިގައި ބަހުސް ކުރަމުން ދަނިކޮށް ސައީދު ވަނީ ނިޒާމީ ނުކުތާ ނަންގަވާ އޭނާއަށް ފުރުސަތަށް ނޭދެވޭކަން ފާހަގަކުރައްވާފައެވެ. ސައީދުގެ ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައިސް އީވާ އަބްދުﷲ ވިދާޅުވީ، ޖަލްސާ ފަށާ ގަޑިއަށް ވަޑައިގެންނެވި މެންބަރުންނަށް ފުރުސަތު ލިބިފައިވާ ކަމަށާއި، ސައީދު ނިސްބަތްވެވަޑައިގަންނަވާ ކޯލިޝަންގައި ހިމެނޭ މެމްބަރުންނަށްވެސް ފުރުސަތު ލިބިވަޑައިގެންފައިވާކަމަށެވެ. އަދި ސައީދުގެ "ގަޑިއަށް ވަޑައިގެން މަސައްކަތް ހިނގާ ތަރުތީބަށް ބައްލަވައިގެން ފުރުސަތަށް އެދިވަޑައިގެންނެވި ނަމަ" ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
އީވާގެ ވާހަކަތަކާ ގުޅިގެން ސައީދު ވަނީ އިތުރު ނިޒާމީ ނުކުތާއެއް ނަންގަވާ މަޖިލިސް ހިނގަމުން އަންނަނީ ނޯތް ކޮރެއާގެ ސިސްޓަމަށް ކަމަށް ވިދާޅުވެފައެވެ.
"ރާއްޖޭގެ މާލީ މައްސަލައެއް މިއީ. މި މައްސަލައިގަ ވާހަކަ ދެކެވެން ޖެހޭނެ. ފުރުސަތު ދޭން ވާނީކީ ހުދުމުހުތާރު ނޯތު ކޮރެއާގެ ސިސްޓަމަކަށް ނޫން." ސައީދު ވިދާޅުވިއެވެ.
އޯވަޑްރޯގެ މައްސަލައަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބުމުން ސައީދު ވަނީ މަޖިލީހުގައި އެހެން މެމްބަރުން ވާހަކަ ދައްކަވަމުން ދިޔައިރު އަޑުގަދަ ކުރައްވާ ވާހަކަ ދައްކަވާފައެވެ.