މައްސަލަ ބޮޑުވި "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.
ޖުޑިޝަރީ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ގާނޫނުލްއުގޫބާތަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހެޅި އިސްލާހާ އެއްކޮށްލުމަށްފަހުއެވެ. މި ދެ ބިލުވެސް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން މެމްބަރު ހިސާނެވެ.
މި އިސްލާޙު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 50 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މަޖިލީހުސް ފާސްކޮށްފައިވާ ޤާނޫނުލްއުޤޫބާތުގެ އިސްލާހުގައި ވަނީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައވާ މައްސަލައެއްގައ، އޭގެ ތެރެއިން އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ މުޢުތަބަރު ރައުޔަކާ ޚިލާފުނުވާގޮތަށް މީހަކު ފާޅުކުރާ ޝުޢޫރަކުން، ނުވަތަ ކުރާ ޢަމަލަކުން، އެމީހަކު އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، ޢާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސފަކުރުމަކީ ކުށެއް ކަމަށެވެ. އަދި މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، ޢާންމު ތަނެއްގައި، އެމީހަކު ކާފަރެއްގެ ގޮތުގައ ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުމަކީ ކުށެއްކަމަށެވެ.
އަދި އެކި ކަންކަމާމެދު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމަށް ހުރަސް ނާޅާކަމަށްވެސް އިސްލާހުގައިވެއެވެ.
މީގެއިތުރުންވެސް މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި ބުނެފައިވަނީ، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތް ﷲ އަށް ނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށެވެ.
އަދި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތްﷲ އާމެދު ނުވަތަ ކީރިތި ޤުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މައުލޫމާތު ފެތުރުން ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުމަކީ ކުށެއްކަމަށެވެ.