އދ. ދަނގެތީގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ހައްޔަރުކުރި ބިދޭސީ މީހާ، ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ސާލިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ނެރުނީ އިއްޔަގެ ވަގުތެއްގައި ކަމަށެވެ.
މިމައްސަލައިގައި ފުލުހުން މިހާރު ކުރިއަށްގެންދަމުން އަންނަނީ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގެއްލިގެން ހޯދަމުން ދަނިކޮށް މަހުމޫދް ފެނިފައިވަނީ ދަނގެތީ ފަޅުގެއެއްގައި ހުރި ވަޅެއްގެ ތެރެއަށް، ލާފައިއޮށްވައެވެ.
ފުލުހުން ބުނީ އެ ބިދޭސީ މީހާ ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައިވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެތެރޭގައި މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން ފުލުހުން ވަނީ މަހުމޫދު މަރާލުމުގައި ބިދޭސީ މީހާ ފިޔަވައި އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.