ފުޓްބޯޅަ މެޗެއްގައި ހިނގާ ކަމަކަށް މިނިސްޓަރު ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ވާނީ ޖޯކަކަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު މިނިސްޓަރު މަހުލޫފާ ސުވާލު ކުރުމަށް މެމްބަރުންނަށް ލިބުނު ވަގުތުގައި، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އަސްހަދު އަމަލުކުރި ގޮތާ ގުޅޭގޮތުން، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ އެއަމަލާ މެދު ފިޔަވަޅެއް އަޅާނެތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، ފުޓްބޯޅަ މެޗެއްގައި ވާ ކަމަކަށް މިނިސްޓަރު ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ވާނީ ވަރަށް ބޮޑު ޖޯކަކަށްކަމަށެވެ.
"އެކަން ކުރަން ތިބޭނެ [ފިޔަވަޅު އަޅަން] އޭއެފްސީން ނޫނީ ފީފާއިން އަޅާ ފިޔަވަޅެއް އަޅާނެ. އިއްޔަ އަޅުގަނޑުމެންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅަކު ގައުމީ ޓީމަށް އެ ކުޅުއްވީ ޔޫތް މިނިސްޓްރީ ރެޕްރެޒެންޓް ކުރާ ގޮތަކަށް ނޫން." މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ އިއްޔަ ހިނގާދިޔަ ކަންކަމާމެދު ހިތާމަކުރާކަމަށާއި، އެކަމަކީ އެގޮތަށް ހިނގައިގެންވާނެ ކަމެއްނޫން ކަމަށެވެ.
"އަޅުގަނޑަކަށްވެސް އެ މަންޒަރު ރަނގަޅެއް ނޫން."
މަހުލޫފް ވިދާޅުވީ އަސްހަދު ކައިރީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނުބުނާނެކަމަށާއި، އެގޮތަށް ނުވެސް ބުނެވޭނެކަމަށެވެ. އަދި އަސްހަދު ގައުމީ ޓީމަށް ނަގަންވެސް އަދި ނުނަގަންވެސް ނުބުނާނެކަމަށާއި، އެކަމަކީ ކޯޗް ނިންމަވާނެ ކަމެއްކަމަށެވެ.