Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ސްޕޯޓްސް ކޯޕަރޭޝަނުން ކުރާ ކަމަކީ "ހެޕީ މަދާސް ޑޭ، ހެޕީ ނިއު އިޔާ" ޓްވީޓް ކުރުން އެކަނި

މިނިސްޓަރު އަހުމަދު މަހުލޫފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސްޕޯޓްސް ކޯޕަރޭޝަނުން ކުރާ ކަމަކީ އެކި މުނާސަބަތުތަކާ ގުޅިގެން ޓްވީޓް ކުރުން އެކަނި ކަމަށާއި، އެ ކުންފުންޏަކީ ވަގުތުން އުވާލަންޖެހޭ ކުންފުންޏެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓަރު މަހުލޫފަށް ސުވާލު ކުރުމަށް ލިބުނު ވަގުތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވަނީ، ސްޕޯޓްސް ކޯޕަރޭޝަނެއް އޮތްކަން ފާހަގަކޮށް، އެތަނުން ޔޫތް މިނިސްޓްރީއާއެކު ކުރާ މަސައްކަތަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ސްޕޯޓް ކޯޕަރޭޝަނުން މިހާތަނަށް ކުރާ ކަމަކީ، "ހެޕީ ފާދާސް ޑޭ، ހެޕީ މަދާސް ޑޭ، ހެޕީ ނިއު އިޔާ" ޓްވީޓް ކުރުން އެކަނި ކަމަށެވެ.

މަހުލޫފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި ސްޕޯޓްސް ކޯޕަރޭޝަންގެ ނަމުގައި އެއްވެސް ތަނެއް ނެތްކަމަށާއި، ހެދިފައި ހުންނަނީ ކުޅިވަރު ފަންޑުތައް ކަމަށެވެ.

ޔޫތް މިނިސްޓްރީން މިހާތަނަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރީ ތިން މަސްދުވަސް ތެރޭ އައުޓް ޑޯ ޖިމްތަކެއް ގެނައުމަށް ކަމަށާއި، އެހެންނަމަވެސް ތަކެތި ލިބުނީ އެއް އަހަރާ ދެމަސް ވީފަހުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އެ ކެޕޭސިޓީއެއް ނެތް. މިއަދުވެސް ޔޫތް މިނިސްޓްރީގެ އިމާރާތެއްގެ ތެރޭގައި ގަދަ ކަމުން ސްޕޯޓްސް ކޯޕަރޭޝަން އެތިބެނީ. އެެއީ އެމްޓީސީސީ، އާރްޑީސީން ވަދެ ޔޫތް މިނިސްޓްރީ ތެރޭގަ ނުނިކުމެ ތިބުންކަހަލަ ކަމެއް. އަޅުގަނޑަކާ އެއްވެސް ގުޅުމެއް ނެތް ތަނެއް." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ވަގުތުން ވަގުތަށް އުވާލަންޖެހޭ ކުންފުންޏެއްކަމަށެވެ. އެ ކުންފުންޏަކީ ފައިދާއެއް ނުވާ ކުންފުންޏެއް ކަމަށާއި، އަދި ދައުލަތުން މިދިޔަ ތިން އަހަރު އެ ކުންފުންޏަށް އެތައް ފައިސާއެއް ބޭކާރު ގޮތުގައި ހަރަދު ކޮށްފައިވާކަމަށެވެ.

އަދި ވިދާޅުވީ އެ ކުންފުނީގައި ތިއްބެވި ބޭފުޅުންގެ ކެޕޭސިޓިއާމެދު ސުވާލު އުފައްދަވަނީ ނޫންކަމަށާއި، މިސާލެއްގެ ގޮތުގައި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މައުރޫފް މެންފަދަ ބޭފުޅުންނަކީ ވަރަށް ގަދަ ބޭފުޅުންކަމަށެވެ. އަދި އެބޭފުޅުން ޔޫތް މިނިސްޓްރީގައި މަސައްކަތް ކުރަން ތިބޭނަމަ އޭގެންވާ ފައިދާ މާބޮޑުވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.