Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ސިއްހީ ހިދުމަތްދޭ މީހުންނަށް ސައްހަ ނޫން ސެޓްފިކެޓްތަކެއް ދޫކޮށްފައިވާ މައްސަލައެއް

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ މީހުންނަށް، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން، ދޫކުރާ ރަޖިސްޓްރޭޝަން ސެޓްފިކެޓް ފޯޖުކޮށްގެން ފޭކް ސެޓްފިކެޓްތަކެއް ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާކަން ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކުރާ ރެޖިސްޓްރޭޝަން ސެޓްފިކެޓް (ފޯޖް) ކޮށްގެން ބިދޭސީ އެޖެންޓަކު ރެޖިސްޓްރޭޝަން ދޫކޮށް ފައިސާ ނަގަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

މިކަންކުރަމުން ދަނީ އިންޑިއާގެ ރެކްރޫޓްމަންޓް އެޖެންސީ އަކުންކަމަށްވެސް ހެލްތް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ބުނެފައިވަނީ ކައުންސިލްގެ ރެޖިސްޓްރޭޝަން އެދޭފަރާތަކަށް ދޫކުރާ ސެޓްފިކެޓްގެ އެއްވެސް މަސައްކަތެއްކުރުމަށް އިންޑިއާގެ އެއްވެސް އެޖެންސީއަކާ ހަވާލުކޮށްފައިނުވާނެކަމަށެވެ.

އެހެންކަމުން، ކައުންސިލުގެ ނަމުގައި ދޫކޮށްފައިވާ ސެޓްފިކެޓަށް ބިދޭސީންނަށް ވަޒީފާ ހަމަޖެއްސުމުގެ ކުރިން، އެ ސެޓްފިކެޓްގެ ސައްހަކަން ކައުންސިލަށް ހުށަހަޅައިގެން ކަށަވަރުކުރުމަށް ބިދޭސީ ސިއްހީ ފަންނީ މަސައްކަތްތެރިންނަށް ވަޒީފާ ދެއްވާ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވާކަމަށް އިއުލާނުގައި ބުނެފައިވެއެވެ.