ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ކޮންމެ އަހަރަކު ދެވޭ 'ގޯލްޑް 100' އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބައިވެރިވެއްޖެއެވެ.
'ގޯލްޑް 100' އަކީ ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާ ބެހޭގޮތުން އަހަރަކު އެއްފަހަރު ޝާޢިއުކުރާ ލިސްޓެކެވެ.
ކްރޮސްރޯޑުގައި ބޭއްވި ގާލާ އިވެންޓުގައި ރާއްޖޭގެ ކުރިއަރާފައިވާ 100 ވިޔަފާރިތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްވެސް ވަނީ ހިމެނިފައެވެ. ބޭންކުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން 'ކޯޕަރޭޓް މޯލްޑިވްސް' އާ ގުޅިގެން މި އެވޯޑް ދިނުމަށް އެހީތެރިވަމުންނެވެ.
ރާއްޖެއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ އެއް ގައުމަށްވުމާއެކު ބޭންކުން ވަނީ ވީހާވެސް އަވަހަށް ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ނެގެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ބޭންކުން ވަނީ ފަތުުރުވެރިކަމުގެ ސިނާޔަތައް ހާއްސަކޮށް ޝޯޓް-ޓާރމް ފައިނޭންސިންގ ތައާރަފްކޮށް، ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނާއި ފައިނޭންސިންގތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.
އަދި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ލޯނާއި ފައިނޭންސް ދޫކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އިގްސާދާއި ވިޔަފާރިތަކަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ރާއްޖޭން ބޭރުގެ މާލީ އިދާރާތަކާއި ސަރުކާރާ ގުޅިގެން ފަންޑިންގ ހޯދާފައިވެސް ވެއެވެ. ބީއެމްއެލް އިން ވަނީ ރާއްޖޭގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިވޭތުވެދިޔަ 2020 ވަނަ އަހަރު 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.