Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ޔާމީން ރަޝީދު މަރާލި މައްސަލައިގެ ހުކުމް ކުރުން އަންނަ މަހު

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި--

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޑިސެމްބަރު މަހު ހުކުމް ކުރުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ މައްސަލައިގެ ހުލާސާ ބަޔާން ދައުލަތުންނާއި މައްސަލަ ރައްދުވާ ފަރާތްތަކުން ހުށަހަޅާފައެވެ.

މިމައްސަލައިގައި ދައުލަތުން ބުނެފައިވަނީ މިމައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ބައެއްކަމަށާއި، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރާކަމަށެވެ. ޔާމީން ރަޝީދު މަރާލީ އޭނާއަކީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެން ކަމަށާއި، 2016 ނޮވެމްބަރުން ފެށިގެން ޔާމީން ރަޝީދު މަރާލުމަށް މަޝްވަރާތައް ފެށިކަމަށެވެ.

ދައުލަތުން ބުނެފައިވަނީ ޔާމީނަށް ފާރަލުމުގައި ދިފްރާނާއި ޝިފާޒް ބައިވެރިވި ކަމަށެވެ. ހަމަލާދިން ވަގުތު އެގޭގެ ބޭރުގައި ފާރައަށް ހުރީ އިސްމާއިލް ރަޝީދު ކަމަށާއި، ހަމަލާދިނުމަށް އެގެއަށް ވަނީ ހައިޝަމާއި ޒިހާން ކަމަށެވެ. އަދި ދައުވާލިބޭ ހުސައިން ޒިޔާދަށް އެކަމުގައި ބައިވެރި ނުވެވުނީ އޭގެ ދުވަސްކޮޅެއް ކުރިން އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ.

މިމައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ޝައްކެއް ނެތްމިންވަރަށް ސާބިތުވާނެ ހެކި ހުރިކަމަށް ދައުލަތުން ބުނެފައިވެއެވެ.

މިމައްސަލައިގައި ދައުވާ އުފުލާފައިވާ ހައިޝަމް، ޒިހާން އަދި ޝިފާޒްގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށްތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ޖެހޭއިރު މި މައްސަލާގައި އެ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ. ވަކީލް ޔާމީން ވިދާޅުވީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހިި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން، ގިނަ ބަޔަކު ބައިވެރިވެގެން މީހަކު މަރާލާ ހާލަތުގައި މަރުގެ އަދަބު ކަނޑައެޅޭނީ އެ ކުށުގައި ބައިވެރިވި އެންމެން ވެސް ތޫނު ހަތިޔާރެއް ބޭނުން ކޮށްފައިވާ ނަމަކަމަށެވެ.

އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ދައުލަތުން މިމައްސަލައިގައި ދައުވާކޮށްފައިވާ ގާނޫނަށް އަދި ދައުލަތުން ދައުވާ ކޮށްފައިވާ ގޮތަށް ބަލާއިރު، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމަށް ބެލޭނީ އަމަލީ ގޮތުން ބައިވެރިވުމުން ކަމަށާއި، އަދި އަމަލީ ގޮތުން ނޫން ގޮތަކަށް ބައިވެރިވެެއްޖެ ނަމަ އެކަންވާނީ ގާނޫނު އޮތްގޮތުން އެހެން ކުށަކަށް ކަމަށެވެ.

ޔާމީން ރަޝީދު މަރާލީ 2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ.