މާލޭ ޖަލުގައި، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިހުރި ބިދޭސީއެއް މަރުވެއްޖެއެވެ.
މަރުވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ އެމްޑީ އަކްތަރު ޙޮސެއިން ކަމަށެވެ.
ކަރެކްޝަނަލް ސާވިސުން ބުނެފައިވަނީ އެމީހާ މަރުވެފައިވަނީ ގޮޅީތެރޭ ތާސްކުޅެން އިންދާ މެއަށް ތަދެއް އަރައި، ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ފަތިހު ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުންކަމަށް ހޮސްޕިޓަލާ ހަވާލާދީ ކަރެކްޝަނަލް ސާވިސުން މައުލޫމާތު ދީފައިވެއެވެ.
އެމްޑީ އަކްތަރު ޙޮސެއިނަކީ މީހަކު މެރުމުގެ ކުށުގައި ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.