ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ޖަލުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ޤައިދީންނަށް ހާއްސަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމާ ގުޅޭ އެއްބަސްވުމުގައި ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ. އެން.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީއީއޯ މުހައްމަދު ރަމީޒެއެވެ. މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން ޤައިދީނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނީ އެ ކަމަށް ހާއްސަކުރެވިގެން ތަމްރީނުކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކައުންސެލަރުންނާއި ކޭސްވޯކަރުންނާއި ޕްރިޒަން އޮފިސަރުންގެ ފަރާތުން ކަމަށް ކަރެކްޝަނަލް ސާވިސުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އިންހައުސް ނުވަތަ ރެސިޑެންޝަލް ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ބޭނުންވާނެ އާފްޓަރކެއަރ ޕްރޮގްރާމާއި ޕްރޮގްރާމްގެ ސަސްޓައިނަބިލިޓީ ކަށަވަރުކުރުމަށްޓަކައި، ޑޭޓާ އެއްކުރުމާއި އެ ޑޭޓާގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލުގެނައުމާއި، މުޖުތަމައަށް ނުކުންނަ ފަރާތްތައް މޮނިޓަރ ކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށް ވެސް މި އެއްބަސްވުން ބާރުއަޅައެވެ.