Last Updated: April 24, 08:54
Wednesday, April 24, 2024
ކުޅިވަރު

ވޮޓްފޯޑް އިން ޔުނައިޓެޑް ލަދުގަންނަވާލައިފި

ޕްރިމިއާ ލީގުގައި މިރޭ ވޮޓްފޯޑް އިން 4-1 އިން މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ 17 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. ވޮޓްފޯޑް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ. މިއީ އެންމެފަހުން ޔުނައިޓެޑުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ.

ވޮޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ވޮޓްފޯޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ސާ ފޮނުވާލި އެ ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ. އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި ޖޯޝުއާ ކިންގް ވަނީ ވޮޓްފޯޑަށް ލީޑު ނަގާދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެ ގޯލުގެ ލީޑަކާއެކު ވޮޓްފޯޯޑުން ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޑޮނީ ވެންޑަބީކް ވަނީ ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ވެންޑަބީކް މި މެޗުގައި ކުޅެން އެރީ ދެވަނަ ހާފްގަ އެވެ.

މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން މަސައްކަތް ކުރަމުންދަނިކޮށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 69 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު އެޓީމުގެ ޑިފެންޑަރު ހެރީ މެގުއާ އަށް ރަތްކާޑު ދެއްކުމުންނެވެ. 10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި ޔުނައިޓެޑުން ފުރިހަމަ ކުރިއިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވޮޓްފޯޑުން ވަނީ އިތުރު ދެ ގޯލު ކާމިޔާބުކޮށްފައެވެ. އެ ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ އާއި އެމަނުއަލް ޑެނިސް އެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ އެއްވަނައިގައި އޮތް ޗެލްސީއާ އެވެ. އަދި ވޮޓްފޯޑް ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.