ނައިބު ރައީސް ފައިސަލް ނަސީމް ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ނައިބު ރައީސް ފައިސަލް ކުރެއްވި ދަތުރުފުޅަކީ ދެދުވަހަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހއ. ހޯރަފުށްޓަށެވެ. ހޯރަފުށްޓަށް ވަޑައިގެން ނައިބު ރައީސް ފައިސަލް ވަނީ ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވާފައެވެ. އޭގެ އިތުރުން ހޯރަފުށީ އެއަރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.
އެއަށްފަހު ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ނައިބު ރައީސް ވަޑައިގެންނެވިއެވެ. މި ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެ ރަށްރަށުގައި ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ބައްލަވާލައްވައި މުއައްސަސާތަކަށް ޒިޔާރަތްކުރައްވާފައި ވެއެވެ.
އަދި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޔޫ.އެން.އެފް.ޕީ.އޭ.ގެ އެހީގައި ޤާއިމުކުރި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭ މަރުކަޒު، "އުފަންވެނި ސިއްހަތު" އެމަނިކުފާނު އިފްތިތާހު ކޮށްދެއްވާފައިވެއެވެ.