ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު މާލެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ރައިސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާގުޅިގެން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ރައީސް ނަޝީދު ހުންނެވީ ހޮޓެލް ޖެންގައެވެ.
އޭގެފަހުން ރައީސް ނަޝީދު ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެމަނިކުފާނު ވަޑައިގެން ހުންނަވާނީ މުރައިދޫ ގޭގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މުރައިދޫގެ އަކީ ގާނޫނުން މަޖިލީހުގެ ރައީސް އަށް ހާއްސަކޮށް ގެކޮޅެއް ހުންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ، އެ ގެކޮޅުގެ މަސައްކަތް ނިމެންދެން ރައިސް ނަޝީދު ހުންނެވުމަށް ހަމަޖެހިފައިވާ ގެކޮޅެެވެ.
މަޖިލީހުގެ ރައީސް އަށް ހާއްސަކޮށް އިމާރާތް ކުރާގެ ހެދުމަށް ހަމަޖެހިފައިވަނީ ސުޕްރީމް ކޯޓުގެ ކުރިމަތިން އޮންނަ ބިމުގައެވެ. އެ ގެކޮޅު އިމާރާތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 6.8 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މަޖިލީހުގެ ރައީސް އާއި އުއްތަމަފަނޑިޔާރަށް ސެކިއުރިޓީއާއެކު ރަސްމީ ގެކޮޅެއް ދިނުމަށް ހަމަޖެއްސީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.