Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ރާއްޖެ އެތެރެކުރާ "ރޯ ޕެސިފިކް އޮއިސްޓާ" ވިއްކުން މަނާކޮށްފި

އޮސްޓްރޭލިއާއިން ރާއްޖެއަށް އެތެރެކުރާ އިތާގެ ބާވަތެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވިބްރިއޯ ޕެރަހެމޮލީޓިކަސް ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ އޮސްޓްރޭލިއާގެ "ކޮފިން ބޭ" ގައި އުފައްދާފައިވާ "ޕްރެސްޓިޖް ފުޑްސް އިންޓަރނޭޝަނަލް' ގެ "ރޯ ޕެސިފިކް އޮއިސްޓަރ" ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާރކްއިން އަންގާފައިވާކަމަށެވެ.

މިއެލާޓްއާ ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮސްޓްރޭލިއާގެ "ކޮފިން ބޭ" ގައި އުފައްދާފައިވާ "ޕްރެސްޓިޖް ފުޑްސް އިންޓަރނޭޝަނަލް' ގެ "ރޯ ޕެސިފިކް އޮއިސްޓަރ" މިއޮތޯރިޓީން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާކަމަށް އެމްއެފްޑީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.